މީހުންގެ ފާޑުކިއުމަށް ސާބިތުކަމާއެކު ކުރިމަތިލާށެވެ.

ބައެއް އިންސާނުންނަކީ ބައްއެފަހަރު ވަރަށް ޖާހިލުބައެކެވެ. ޢިލްމުނެތުމާއި ނޭންގުމުގެ ޖާހިލުކަމާއި ނުބައިނުލަފާކަމުގެ ޖާހިލުކަމެއެވެ. ބައެއް އިންސާނުންނަކީ ޖާހިލުކަމުގެ ސަބަބުން ޢާލަމުގައިވާ ހުރިހާ އެއްޗެއް ހައްދަވައި ގެންގުޅުއްވާ އިލާހަށް، ފުރައްސާރަކޮށް ބަދުބަސް ބުނުމާއި އެކަލާންގެއަށް ނިސްބަތްކޮށް ދޮގުހަދަމުންދާ ބައެކެވެ. ހައްދުފަހަނައަޅާފައި ތިބި ބަޔެކެވެ. ވީމާ މިފަދަ ބައެއްގެ ކިބައިން ތިބާ އުއްމީދު ކުރަނީ ކޮންއެއްޗަކަށްތޯއެވެ؟ މިފަދަ މީހުންގެ ދުލުގެ ނުބައިކަމުން ތިބާއަށް ސަލާމަތްވެވިދާނެ ކަމަށް ހީކުރަނީތޯއެވެ؟ ނުވާނެއެވެ. ތިމާ ދުނިޔޭގައި ހުރިހާ ހިނދަކު މީސްތަކުންގެ ފާޑުކިޔުންތަކާއި ހަސަދަ ވެރިކަމުން ސަލާމަތެއްނުވާނެއެވެ. ތިބާއަކީ މީހުން ލޯބިވާ، އެހެން މީހުންނަށް އެހީތެރިވެ އަޅާލާ އަދި އުފެއްދުންތެރި މީހަކައްވެއްޖެނަމަ ތިބާދެކެ ހަސަދަވެރިވާ، ނުރުހޭ އަދި ރުޅިއަންނަމީހުން ވަރަށް ގިނަވާނެއެވެ. ތިބާގެ ފުށުން ގޯސްކަމެއް ހޯދުމަށް އެބައިމީހުން ފާރަލަމުންދާނެއެވެ. ވީމާ ތިބާ ދުނިޔޭގައި އުޅޭ އިރު މީހުންގެ ފުށުން ފުރައްސާރަކުރުމާއި ފާޑުކިޔުމާއި ދިމާކުރުން އަދި ހިތްދަތިކަން މީ ކުރިމަތިވާނޭ ކަންކަމުގައި ދެކިގެން ހުންނާށެވެ. ކުރިމަތިލާން ތައްޔާރުވެގެން ހުންނާށެވެ. އެބައިމީހުންނަށް ވުރެ ތިބާގެ ދީންވެރިކަމާއި، ޢިލްމާއި، އަޚްލާޤު އަދި މުއްސަނދިކަން އިތުރުވެއްޖެނަމަ އެބައި މީހުންގެ ކުރިމަތީގައި ތިބާއަށްވުރެ ނުލަފާމީހެއް ނުހުންނާނެއެވެ. ތިބާއަށް އެކިގޮތްގޮތުން ފާޑުކިޔުމުގައި އެބައިމީހުން ދެމިތިބޭނެއެވެ. މީހުން ތިބާދެކެ ލޯބިވާ ހުރިހާ ސިފަތަކެއް ދޫކޮއްލައިފުމަށް ދާންދެންނެވެ. އޭރުން ތިބާ ބަދަލުވެގެންދާނީ މީހުން ރުޅިއަންނަމީހަކަށެވެ. ގޮތެއްނެތް މީހަކަށެވެ. ފައިދާއެއްނެތް މީހަކަށެވެ. ސޭކު މީހަކަށެވެ. އެފަދަ މީހުން ތިބާއަށް ވުމަށް އެދޭ ގޮތަކީ މީއެވެ.

ވީމާ މީސްތަކުންގެ ދިމާ ކުރުމާއި ފާޑުކިއުމަށް ތިބާ ޘާބިތުވެ ކެތްތެރިކަމާއިއެކު ކުރިމަތިލާށެވެ. އެބައިމީހުންގެ ބަސްތަކުން ތިބާ ހިތުގައި ޖެހިއްޖެނަމަ ކެތްތެރިވާށެވެ. އަދި އެފަދަމީހުންނާއި ހަނގުރާމަކުރުމަށް އޮތް އެންމެ މޮޅު ހަތިޔާރަކީ ރިވެތި އަޚުލާގެވެ. ތިބާ މާފު ކުރާށެވެ. އެބައިމީހުންނާއި ދުރަށްދާށެވެ. އެކަމުގެ ސަބަބުން ހިތާމަ ނުކުރާށެވެ. ތިބާއަށް އުފާވެރިކަމުގެ ޚަބަރު ހުއްޓެވެ. ﷲ
سبحانه وتعالي އަށް ޙަމްދާއި ޝުކުރު ކުރާށެވެ. މިފަދައިން ދިމާކޮށް ފުރައްސާރަކުރުމުގެ ފަހަތުގައިވަނީ ތިބާއަށް ލިބިފައިވާ ދީންވެރިކަމާއި، ޢިލްމާއި، އަޚްލާޤާއި، އުފެއްދުންތެރިކަމާއި، ހުނަރު އަދި މީހުންގެ ލޯތްބެވެ.

މީހުންގެ ފަރާތުން ޝުކުރު ލިބުމަށް އުއްމީދު ކުރަނީ ހެއްޔެވެ؟

سبحانه وتعالي އަހަރުމެން ހެއްދެވީ އެކަލާނނގެއަށް އަޅުކަންކުރުމަށެވެ. އަދި އިންސާނުންނަށް ބޭނުންވާނޭ ގިނަގުނަ ނިޢުމަތްތައް ލައްވައި ރިޒްގު ތަނަވަސް ކުރެއްވީ މިނިޢުމަތްތަކުގެ ބޭނުން ހެޔޮގޮތުގައި ކުރުމަށްފަހު އެކަލާނގެ އަށް މީސްތަކުން ޝުކުރުވެރިވޭތޯއެވެ. ނަމަވެސް މީގެ ބަދަލުގައި ގިނަ އިންސާނުން އެކަލާނގެއަށް ކާފިރުވެ އަޅުކަން ކުރަންފެށީ ބާތިލް އިލާހުންތަކަކަށެވެ. މި ނިއުމަތްތައް ދެއްވި އަސްލު ފަރާތަށް ޝުކުރުކުރުމުގެ ބަދަލުގައި ޝުކުރިވެރި ވާންފެށީ އެމީހުން އަމިއްލައަށް ހެދި އެއްޗިހިތަކަކަށެވެ. އަދި އެކަލާނގެއަށް އީމާންވި މީސްތަކުންގެ ތެރެއިންވެސް ބޮޑުބައި ވަނީ ހުރިހާ ނިޢުމަތްތަކެއްގެ ބޭނުން ކުރުމަށް ފަހުގައި ﷲ سبحانه وتعالي އަށް ޝުކުރު އަދާކުރުމުގައި މަކަރުހަދާފައެވެ. އެކަލާނގެ އެންގެވި އެންމެހައި އަޅުކަންތައް ނުކޮށް ހިތުހުރިގޮތަކަށް އުޅޭނެ ގޮތަކަށް ދުނިޔޭގައި އުޅެނީއެވެ. ވީމާ ތިބާ މީސްތަކުންނަށް ކޮއްދޭ ހެޔޮ ކަންތައްތައް މީހުން ހަނދާންނައްތާލައި ތިބާއަށް ޝުކުރުކުރުމަށް ފުރަގަސްދިނުން ވާނީ ވަރަށް އާދައިގެ ކަމަކަށެވެ. މިހެން މިކަން އޮތްއިރު ތިބާ ކޮއްދޭ ކަންކަމުގެ އަގު، މީހުން ވަޒަން ނުކުރުމުގެ ސަބަބުން މާޔޫސް ނުވާށެވެ. ތިމާ އެތައްބައިވަރު ހެޔޮކަމެއް ކޮއްދެމުން ދަނިކޮށް އެންމެ ނުބައިކަމެއް ނުވަތަ ހިތްހަމަ ނުޖެހޭގޮތަށް އެންމެ ކަމެއް ކުރެވޭއިރަށް ތިބާއަކީ އެއްވެސް ކަމެއް ރަނގަޅަށް ނުކޮއްދޭ އަދި ބައެއްފަހަރު އެއްކަމެއްވެސް ނުކޮއްދޭ މީހަކަށް ވެގެންދެއެވެ. މީ އިންސާނުންގެތެރޭ އުފެދިފައިވާ ޝުކުރުނުކުރުމުގެ އާދައިގެ ސަބަބުން ދިމާވާ ކަމެކެވެ.

މިފަދައިން ކަންތަށްތައް ދިމާވުމުން އެންމެބޮޑަށް ހިތުގަޖެހި އަސަރުކުރަނީ މީހުންގެ ފުށުން ރީތިނަންލިބި ޝުކުރުލިބުމަށް އެދޭހާލު ކަންތައްތައް ކޮއްދޭ މީހުންނަށެވެ. ކޮއްދޭ ކޮންމެ ކަމެއްގެ ބަދަލުގައި އެޔާއި އެއްފަދަ ކަމެއް ބަދަލުގައި ލިބުމަށް އެދި ކަންތައްކުރާ މީހުންނަށެވެ. އަދި ވަކި ކަމެއް ބޭނުންވެގެން ކަންތައްތައް ކޮއްދޭ މީހުންނަށެވެ. މިފަދަ މީހުންނަށް އޭނާ އުންމީދުކުރި ކަންތައް ނުވެއްޖެނަމަ އެކަމާ ހިތާމަކުރެއެވެ. ތިބާ އޭނާއަށް އެތައްކަމެއް ކޮންދިންއިރުވެސް އޭނަގެ ފަރާތުން ފައިދާއެއް ނުވަތަ ތިބާ ތިކޮއްދޭ ކަންތައްތަކުގެ އަގުވަޒަން ނުކުރާ ވާހަކަ މީހުން ކައިރީގައި ދައްކަން ފަށައެވެ. އަދި އެމީހަކާއިމެދު ރުޅިވެރިކަން އުފެދެއެވެ. މީގެ ބަދަލުގައި ކޮއްދޭ ކޮންމެކަމަކީ ﷲ
سبحانه وتعالي އައްޓަކައި ކޮއްދޭ ކަމެއްކަމުގައި ހަދައިފިނަމަ އެއްވެސް ހިތާމައެއްނުވަތަ ހިތްހަމަނުޖެހުމެއް ނެތެވެ. އޭރުން އޭނާގެ ހިތުގައި މިކޮއްދިން ކަންތަކުގެ އަޖުރު ﷲ سبحانه وتعالي ދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮންނާނެއެވެ. އަދި އޭނާ އެހެޔޮކަން ކޮއްދިނުމުގެ މަޤުސަދަކަށްވާނީވެސް އެކަލާނގެ ހަޟުރަތުން ހެޔޮ ޖަޒާ ލިބުމެވެ. ބައެއްފަހަރު މީހުން ނުރުހޭ ނުވަތަ ރުޅިއަރާ މީހަކަށް ތިބާ ހެޔޮކޮށް ކަންތައްކޮއްދީފިނަމަ އެމީހުން ތިބާދެކެ ރުޅިއަންނާނެއެވެ. ތިބާއަކީ ނުލަފާ އަދި އެމީހުން ރުޅިއަންނަ މީހާފަދަ ދެވަނަ މީހަކަށް ވެގެންދާނެއެވެ. ނަމަވެސް ތިބާ ހެޔޮކޮށް ކަންތައްތައް ކުރުމުގައި ދެމިހުންނާށެވެ. މީހުންނަށް ޞަދަޤާތް ދިނުމުގައި ދެމިހުންނާށެވެ. ﷲ سبحانه وتعالي ޓަކައެވެ. މީސްތަކުންގެ ފޮނި ބަސްތަކެއް ލިބުމަށް އެދިގެނެއްނޫނެވެ. ތިބާ ކިތަންމެ ގިނަ ހެޔޮކަމެއް މީސްތަކުންނަށް ކޮއްދިންކަމުގައިވިޔަސް ތިބާއަށް ޝުކުރުގެ ބަސްތައްބުނެ ހެޔޮކޮށް ބަދަލުގައި ކަންތައްތައް ކޮއްދޭނެ މީހުން ވަރަށް މަދުވާނެއެވެ. އިންސާނުން ހައްދަވައި އަދި ހުރިހާ ރިޒުގެއްދެއްވި ﷲ سبحانه وتعالي އަށް ޝުކުރުނުކުރާ ބައެއްގެ ފަރާތުން ތިމާ ޝުކުރު ލިބިދާނެކަމަށް އުއްމީދުކުރަނީހެއްޔެވެ.


... (ނުނިމޭ) ...